ރައީސް ނަޝީދާ އެމްޑީޕީގެ ބާރުތައް ހަވާލުކޮށްފި

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ ސިޔާސީ މި ބައިގައި

586

ޝާއިޢުކުރީ: ބުދަ, ޖޫން 20th, 2012 04:23 pm GMT +5 - (0) ޚިޔާލު

ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް މުހައްމަދު ނަޝީދު މިހާރުވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ހޮވިވަޑައިގެންފައެވެ.
ެ. އެހެން ކަމުން އިއްޔެ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކުރި ގަރާރަކުންވަނީ ޕާޓީން ކުރަންވާ ކަންކަން ކުރުމުގެ ބާރު އެމަނިކުފާނާ ހަވާލުކޮށްފައެވެ.
އެޕާޓީގެ ގަވާއިދު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ހޮވޭ ބޭފުޅަކީ ޕާޓީގެ އެންމެ އިސްލީޑަރު ކަމަށެވެ. ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތީ ޕާޓީގެ އެތެރޭގެ އިންތިހާބުން 31000 ވޯޓު ހޯއްދަވައިގެންނެވެ.
ރައީސް ނަޝީދާ ބާރުތައް ހަވާލު ކުރުމަށް ފާސް ކުރި ގަރާރު ޕާޓީގެ ގައުމީ ހިންގާ ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގެވެ. ތާއީދު ކުރެއްވީ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރެވެ.

މިގަރާރު ފާސްކޮށް ބާރުތައް ރައީސް ނަޝީދާ ހަވާލު ކުރައްވާފައިވަނީ ގައުމީ ހިންގާ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 28 މެންބަރުންގެ އިއްތިފާގުން ނެވެ.
މި ގަރާރުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބްގެ ކެމްޕޭން ކުރެއްވުމުގައި އެވަގުތެއްގައި ކުރައްވަންޖެހި ވަޑައިގަންނަވާ އެންމެހާ ކަންތައްތައް ކުރެއްވުމަށް ކޮމިޓީތައް ރައީސަށް ހެއްދެވޭނެ ކަމަށެވެ.
އިއްޔެ ބައްދަލުވުމުގައިވަނީ އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވުމަށް ކޮމިޓީގައި މިހާރު ތިބި މީހުންގެ ތެރެއިން އެމެންބަރުން ކަނޑައަޅާ މީހަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ފާސްކޮށްފައެވެ. މިކަން މިގޮތަށް ކުރާނީ ޕާޓީއަށް ނާއިބު ރައީސަކު އިންތިހާބު ކުރެވެންދެނެވެ. މިކޮމިޓީގެ ރިޔާސަތު ކުރިން ބަލަހައްޓަވަމުން ގެންދެވީ ޕާޓީގެ ކުރީގެ ނާއިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއެވެ. އޭނާ މިހާރުވަނީ އެމްޑީޕީ ދޫކޮށް އެހެންޕާޓީއަކަށް ބަދަލުވެފައެވެ.
އިއްޔެގެ ޖަލްސާގައި އިތުރަށް މަޝްވަރާކުރެވުނު ކަންތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕްކަންތައް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތަކާއި، ޕާޓީގެ ޙަރަކާތްތައް އަތޮޅޮތަކުގައި ފުޅާކުރުމާއި ޕާޓީގެ އޮފީހެއް ކޮލޮމްބޯ އަދި ޓްރިވެންޑްރަމްގައި ބެހެއްޓުން ހިމެނެއެވެ.
އެމް.ޑީ.ޕީގެ ޤައުމީ ހިންގާކޮމިޓީ އެކުލެވިގެންވަނީ ޕާޓީގެ ލީޑަރޝިޕްގެ އިތުރުން ޕާޓީގެ ކެބިނެޓް މެމްބަރުންނާއި ، ޕާޓީއަށްނިސްބަތްވާ ރައްޔިތުންމަޖިލީހުގެ މެމްބަރުންނާއި އަމީން ޢާއްމު އަދި އަމީންޢާއްމުގެ ނައިބު ގެ މައްޗަށެވެ.
ކޮންމެ އަންގާރަ ދުވަހަކު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްވެސް އިއްޔެގެ ޖަލްސާގައިވަނީ 26 މެންބަރުންގެ ތާއީދާއެކު ފާސްކޮށްފައެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: ރައީސް ނަޝީދާ އެމްޑީޕީގެ ބާރުތައް ހަވާލުކޮށްފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!