އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީ ސަޕޯޓަރުން ދޫކޮށްލުމަށް ގޮވާލައި، އަމިއްލަ އަށް ކްލިފް ބިޑި އަޅުވައިގެން ސުލްހަވެރިކަމާއެކު އިޙްތިޖާޖް ކުރަމުންދިޔަ އެމްޑީޕީގެ ސަޕޯޓަރުން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
އަމިއްލައަށް ކްލިފް ބިޑިއަޅުވައިގެން އެމްޑީޕީގެ ސަޕޯޓަރުން ރައީސް އޮފީސް ކައިރީގައި އިށީނދެ ތިބެ އިޙްތިޖާޖު ކުރަމުން ދަނިކޮށް ފުލުހުންވަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް، އެ އެންމެން ހައްޔަރުކޮށް، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އެހެން ސަޕޯޓަރުން ވެލާނާގެއާ ހަމައަށް ދުރަށް ޖައްސާފައެވެ.
ސުލްހަވެރި ކަމާއެކު އިޙްތިޖާޖު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން އަމިއްލައަށް ބިޑިއެޅުވިގެން ދިޔަ އެމްޑީޕީގެ ސަޕޯޓަރުން ރައީސް އޮފީސް ކައިރީގައި އިށީނދެ ތިއްބާ ފުލުހުންވަނީ އެތަނުން ނޫސްވެރިން ދުރަށްލައި، ހައި ޕްރެޝަރުގައި ލޮނުޖަހާފައެވެ. އަދި ދޭތެރެއަކުން ޖައްވަށް ފަޒާއަށް ހަވަޔަށް އަދި މީސްމީހުންގެ ލޮލަށް އަނގަޔަށް ވަނީ ޕެޕަރސްޕްރެ ވެސް ޖަހާފައިވެއެވެ.
ލޮނާއި، ޕެޕަރސްޕްރޭ ޖެހުމުން ވެސް އަމިއްލައަށް ކްލިފް ބިޑިއަޅުވައިގެން ތިބި ސަތޭކައެއްހާ އެމްޑީޕީގެ ސަޕޯޓަރުން އެތަނުން ދުރަށް ނުދިއުމުން ސަލާމަތީ ބާރުތަކުގެ ވެހިކަލްތަކުގައި އެ އެންމެން ވަނީ ގެންގޮސްފައެވެ. ނަމަވެސް މި އިޙްތިޖާޖް ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތާއި ދެކޮޅު ހެދުމުގެ ގޮތުންނާއި، އެމްޑީޕީގެ އެއްވުންތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ހުރިހާ ސަޕޯޓަރުން ދޫކޮށްލުމަށް ގޮވާލައި ވެލާނާގެ ކައިރީގައި އެމްޑީޕީގެ ސަޕޯޓަރުން ވަނީ އިޙްތިޖާޖް ކޮއްފައެވެ.
ވެލާނާގެ ކައިރީގައި އިޙްތިޖާޖްކުރަމުންދިޔަ އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުން ދިޔައީ އުސޫލުތަކާއި ޚިލާފަށް މުއްދަތު އިތުރުކޮށް ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށާއި، މިރޭގެ އިޙްތިޖާޖުގައި އަމިއްލައަށް ބިޑި އެޅުވިގެން ސުލްހަވެރިކަމާއެކު ތިބި ބަޔަކާ ދެކޮޅަށް ފުލުހުން އިންސާނިއްޔަތާ ޚިލާފް އަމަލުކޮށް، އަންހެނުން ވެސް ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.



















ޚިޔާލެއް ނެތް؟
ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: އަމިއްލައަށް ކްލިފް ބިޑި އަޅުވައިގެން ސުލްހަވެރިކަމާއެކު އިޙްތިޖާޖް ކުރަމުންދިޔަ އެމްޑީޕީގެ ސަޕޯޓަރުން ފުލުހުން ހައްޔަރުކޮށްފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟